Niuma Miss

Niuma Miss

Share

She loves sharing insights about teaching, learning and parenting skills with parents and fellow teachers.

14/07/2026

#ކުދިންހެދިބޮޑުވުމުގައިިިިވިސްނަންވީކަމެއް
#ފުރާވަރުއުމުރުފުރާ
#ލިޔުން2
————

ފުރާވަރުގެ އުމުރަކީ ކުދިންގެ ހަށިގަނޑަށާއި ވިސްނުމަށް އަންނަ ބޮޑެތި ބަދަލުތަކުގެ ސަބަބުން، އެކުދިންނަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭ ދުވަސްވަރެކެވެ. މި ދުވަސްވަރު ކުދިންނަށް ރަނގަޅު މަގު ދައްކައި، އެހީތެރިވުމަށްޓަކައި މައިންބަފައިންނާއި، މުދައްރިސުން އަދި ބެލެނިވެރިންނަށް ކުރެވިދާނެ ވަރަށް މުހިންމު ކަންތައްތަކެއް އެބަހުއްޓެވެ.

1. އެކުދިންގެ ޖަޒުބާތުތަކާއި އޭނާއަށް އެއަންނަ ބަދަލުތައް ދެނެގަނެ، ބެލެނިވެރިން ކެތްތެރިވުން

-ރުޅިއައުމާއި މޫޑު ބަދަލުވުން ބަލައިގަތުން: ފުރާވަރުގެ ކުދިންގެ މޫޑަށް އަންނަ ކުއްލި ބަދަލުތަކަކީ ހޯމޯންތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން ވާގޮތެކެވެ. އެހެންކަމުން، އެއީ ގަސްތުގައި ކުރާ ކަމެއް ކަމަށް ނުބަލައި، ކެތްތެރިކަމާއެކު މުއާމަލާތް ކުރާށެވެ.
-އަޑުއެހުން އިސްކުރުން: ކުއްޖާ ވާހަކައެއް ދައްކަން ބޭނުންވުމުން، ނަސޭހަތް ދިނުމުގެ ކުރިން އެކުއްޖާގެ ޝުއޫރުތައް ރަނގަޅަށް އަޑުއަހާށެވެ. އެކުދިން ބޭނުންވަނީ އެމީހުން ދައްކާ ވާހަކަ މީހަކު ގަބޫލުކޮށް، އަޑުއަހާލުމެވެ.

2. އެކުދިންނަށް އަމިއްލަ ޖާގައާއި މިނިވަންކަން ދިނުން

-އަމިއްލަ ޖާގައަށް އިހުތިރާމްކުރުން: ފުރާވަރަށް ދިއުމުން ކުދިން އެކަނި ވަގުތު ހޭދަކުރަން ބޭނުންވާނެއެވެ. އެކުދިންގެ ކޮޓަރިއަށް ވަނުމުގެ ކުރިން ޓަކިޖެހުމާއި، އަމިއްލަ ސިއްރުތައް ހިފެހެއްޓުމަށް ފުރުސަތު ދޭށެވެ.
-އަމިއްލައަށް ގޮތް ނިންމަން ދަސްކޮށްދިނުން: ކުދިންގެ ހުރިހާ ކަމެއް މައިންބަފައިން ނިންމުމުގެ ބަދަލުގައި، ކުދިކުދި ކަންކަމުގައި ގޮތް ނިންމުމުގެ އިހުތިޔާރު ދޭށެވެ. (މިސާލަކަށް: ލާނެ ހެދުމެއް، ނުވަތަ ކިޔަވާނެ ވަގުތެއް، ކާނެ އެއްޗެއް އަމިއްލައަށް ނިންމުން). މިއީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވާނެ ކަމެކެވެ.

3. އެކުދިންނާއެކުގައި އެކުވެރި މާހައުލެއް ގާއިމްކުރުން

-ބިރުވެރިކަން ނައްތާލުން: ގޯސްކަމެއް ކުރެވުމުން އަދަބު ލިބޭނެ ކަމުގެ ބިރު އޮތް ނަމަ، ކުދިން މައިންބަފައިންނަށް ކަންކަން ސިއްރު ކުރާނެއެވެ. އެހެންކަމުން، ކޮންމެ ފަދަ ގޯހެއް ހެދުނަސް ހިއްސާކުރެވޭނެ ފަދަ ރަހުމަތްތެރި، ރައްކާތެރި މާހައުލެއް ގޭތެރޭގައި އުފައްދާށެވެ.
-އާއިލާގެ ނިންމުންތަކުގައި ބައިވެރިކުރުން: ގޭތެރޭގެ ކަންކަމުގައި އެކުދިންގެ ހިޔާލު ހޯދުމަކީ މުޖުތަމައުގައި އެކުދިންގެ ދައުރެއް އޮތްކަން އިހުސާސްކޮށްދޭނެ ކަމެކެވެ.

4. ރަހުމަތްތެރިންގެ ނުފޫޒުން ސަލާމަތްކުރުން (ޕއަރ ޕްރެޝަރ)

-އެކުވެރިން ދެނެގަތުން: ކުއްޖާގެ ރަހުމަތްތެރިންނަކީ ކޮބައިކަން ބަލައި، އެކުދިން ގެއަށް ގެނެސް ސައިބޮއެ ހެދުމުގެ ފުރުސަތު ދީގެން، އެކުދިންގެ އުޅުން ދެނެގަންނާށެވެ.
-"ނޫނެކޭ" ބުނަން ދަސްކޮށްދިނުން: ރަހުމަތްތެރިން ގޯސް ކަމެއް ކުރަން ބުންޏަސް، ޖެހިލުމެއް ނެތި "ނޫނެކޭ" ބުނުމުގެ ހިތްވަރު ކުއްޖާގެ ކިބައިގައި އަށަގަންނުވާށެވެ.

5. ސިއްހަތަށް ސަމާލުކަން ދިނުން

-ނިދުމާއި ކެއުން: ފުރާވަރުގެ ކުދިން ހެދިބޮޑުވަމުންދާއިރު ސިކުނޑިއާއި ހަށިގަނޑަށް ގިނަ ހަކަތަ ބޭނުންވެއެވެ. އެހެންކަމުން، ފައިދާހުރި ކާނާ ކެއުމަށާއި، މަދުވެގެން 8 ގަޑިއިރުގެ ނިދި ހަމަކުރުމަށް ބާރުއަޅާށެވެ.
-ސްކްރީން ޓައިމް ކޮންޓްރޯލްކުރުން: ފޯނާއި ސޯޝަލް މީޑިއާގައި ގިނަވަގުތު ހޭދަކުރުމަކީ ނަފްސާނީ ބަލިތަކަށް މަގުފަހިވާ ކަމެކެވެ. އެހެންކަމުން، ކުޅިވަރާއި އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވުމަށް ހިތްވަރު ދޭށެވެ.

ހަނދާނުގައި ބަހައްޓަންވީ ނުކުތާ: ފުރާވަރުގެ ކުއްޖަކަށް އެންމެ ބޮޑަށް ބޭނުންވާނީ "ނަސޭހަތްދޭ/ އަމުރުކުރާ ގާޒީއެއް" ނޫނެވެ. އެއަށްވުރެ ބޮޑަށް އެކުދިން ބޭނުންވަނީ މަގުދައްކައިދޭނެ، އިތުބާރު ހިފޭ "ރަހުމަތްތެރިއެއް" ނުވަތަ "މެންޓަރެއް" ލިބުމެވެ.

-ނިއުމާ މިސް-

14/07/2026

#ކުދިންހެދިބޮޑުވުމުގައިވިސްނަންވީކަމެއް

14/07/2026

#ނާކާމިޔާބީއާކުރިމަތިލާންދަސްވުން

#ދަރިންގެނަފްސާނީދުޅަހެޔޮކަންވަރަށްމުހިންމު

ކޮންމެ ފަހަރަކު ދަރިފުޅަށް އެންމެ އެދެވޭ ފުރިހަމަ ނަތީޖާ ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންނަމަވެސް، ހާސިލުވި ނަތީޖާއަށްވުރެ ބޮޑަށް، އެކަމަށް އޭނާ ކުރި މަސައްކަތް ބެލެނިވެރިޔާ ބަލައިގަންނަކަން ކުއްޖާއަށް އިހުސާސްވާނަމަ، ދަށް ނަތީޖާއެއް ލިބުނަސް އޭނާ އެހާ މާޔޫސެއް ނުވާނެއެވެ.

ބަދަލުގައި އޭނާވިސްނާނީ، 'މިފަހަރު މަސައްކަތްކުރި ގޮތް ރަނގަޅެއް ނޫނެވެ. ދެން ފަހަރަކުން އެހެންކަހަލަ އުނގެނުމުގެ އުކުޅެއް ބޭނުންކޮށްގެން ހިތްވަރު ކުރާނީއެވެ.'

މިއީ ދިރިއުޅުމުގެ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ކުއްޖާއަށް ލިބޭނެ ނުހަނު ބޮޑު ހިތްވަރެކެވެ.

#ހަމައެކަނިވަކިމާރކްސްއަކަށްނުވަތަމޮޅުވުމަށްއެކަނިސަމާލުކަންދޭނަމަ، ކުދިން އާ ކަންތައްތައް ތަޖުރިބާކުރަން ޖެހިލުންވާނެއެވެ. ފޭލްވެދާނެތީ ބިރުގަނެއެވެ. ނަމަވެސް، އޭނާ ކުރާ ކޮންމެ މަސައްކަތެއް ބެލެނިވެރިން ނުވަތަ މުދައްރިސުން ބަލައިގަންނަކަން އޭނާއަށްއެނގުމުން(އިހްސާސްވުމުން)، އާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ހިތްވަރު އަމިއްލައަށް އުފެދެއެވެ.

-ނިއުމާ މިސް-

Want your school to be the top-listed School/college in Male?
Click here to claim your Sponsored Listing.

Category

Address

Male